ޚަބަރު

ކޮރަޕްޝަންގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ވެރިއެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުއާޒް އަލީ--

ކޮރަޕްޝަންގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ވެރިއެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ،

Ads by STELCO

ކޮރަޕްޝަންގެ ތުހުމަތުގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުއާޒް އަލީ މަގާމުން ވަކިކުރީ 2019 ވަނަ އަހަރު އެވެ.

އޭގެ ހަ އަހަރު ފަހުން އޭސީސީން މިއަދު ބުނީ މުއާޒް ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި މިދިޔަ ބުދަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މުއާޒްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާ ހައުސްއިން ދޫކޮށްފައި އޮއްވާ އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްނުކުރާތީ ކަސްޓަމްސްއިން އެ މައްސަލަ ފަހުން ބެލިއިރު އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދުމެވެ.

އެހެންވެ އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްދޭން އޭސީސީން ވަނީ އެދިފަ އެވެ.

މުއާޒްގެ މައްޗަށް ދައުވާކުރަން އެދި ޕީޖީއަށް ފޮނުވި އިރު އޭނާ މިހާރު ހުންނެވީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

Ads by Ooredoo