އާ ކޮމިޝަނުގެ މީޑިއާތައް ތަމްސީލްކުރާ މެންބަރުން އައްޔަންކޮށްފި

މީޑިއާއާއި ބްރޯޑްކާސްޓަރުން ރެގިއުލޭޓް ކުރަން އަލަށް އުފެއްދި ކޮމިޝަނުގައި މީޑިއާތައް ތަމްސީލްކުރަން ތިބޭ ހަތަރު މެންބަރުންގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަންކޮށްފި އެވެ.
މި ހަތަރު މަގާމަށް ވެސް ހަތަރު ބޭފުޅުން ކުރިމަތިލުމުން އިންތިހާބުވީ ވޯޓަށް ނުގޮހެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބު ވެފައިވަނީ، މޫނިމާގެ / ށ. ފޭދޫ، އަބްދުލް އަޒީޒް އިބްރާހީމް އާއި މަލަ / ގދ. ތިނަދޫ، ޒަމްއަތު އަޙްމަދު ވަހީދު އެވެ.
އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބުވެފައިވަނީ، ވެލީގެ / ގދ. ރަތަފަންދޫ، ސިމާހާ ނަސީމް އާއި ހިސާން / ހދ. ވައިކަރަދޫ، ހުސައިން ސަގީފްއެވެ.
މީގެ ތެރެއިން ސަގީފް އަކީ އުވާލި މީޑިއާ ކައުންސިލްގެ ރައީސް މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އަދި ޒަމްއަތަކީ އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރަކަށް ހުންނެވި ބޭފުޅެކެވެ.
މި ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ވެސް ތިން މެންބަރުން ކަނޑައަޅާނެ އެވެ. އެ މަގާމުތަކަށް 10 މީހުން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ތެރޭގައި ވެސް އުވާލި ބްރޯޑްކާސްޓިން ކޮމިޝަނުގެ ތިން މެންބަރަކާއި މީޑިއާ ކައުންސިލްގެ މެންބަރެއް ހިމެނެ އެވެ.
މި ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެ އެވެ. އެހެންވެ މިއީ މީޑިއާތައް ސެލްފް ރެގިއުލޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް އޮތް ކަމަކަށް ވާތީވެ، ބައެއް ނޫސްވެރިން މި ކޮމިޝަން ހެދުމަށާއި އާ ގާނޫނާ ދެކޮޅަށް ނުކުމެފައިވެ އެވެ.
