މާޗު މަހަށް ހުރިހާ އަތޮޅަކަށް އާރުޓީއެލްގެ ހިދުމަތް ލިބޭނެ: ރައީސް

އަންނަ އަހަރުގެ މާޗު މަހު އާރުޓީއެލްގެ ހިދުމަތް މިހާރު ނުލިބޭ ހުރިހާ އަތޮޅަކަށް އެ ހިދުމަތް ލިބޭ ވަރު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ލ. އަތޮޅަށް ވެސް މުހިންމު ކަމަށެވެ.
ރާއްޖޭގެ ގިނަ ހިސާބުތަކަށް އާރުޓީއެލް ފުޅާކޮށްފައިވާ އިރު ލ. އަތޮޅަކީ މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބޭ މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ.
ރައީސް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް މިހާރު ނުދެވި ހުރި އަތޮޅުތަކަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން އެ ކަމަށް ބޭނުންވާ އުޅަނދުތައް ފެބްރިކޭޓްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެކަން ނިމޭހާ އަވަހަކަށް ލ. އަތޮޅުގައި ވެސް އާރުޓީއެލްގެ ހިދުމަތް ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަމާޒަކީ އެންމެ ލަސްވެގެން ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި ބާކީ ހުރިހާ އަތޮޅަކަށް ހިދުމަތް ދޭން ފެށުން ކަމަށެވެ.
"އެހެންވީމާ އާރުޓީއެލް ހިދުމަތަށް އިންތިޒާރުކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ. ގާތްގަނޑަކަށް ފެބްރުއަރީ މާޗު ހިސާބަށް އެކަން ވެސް އަދި މި އަތޮޅަށް ވެސް ދެން ހުރިހާ ބާކީ ނުފެށޭ ހުރިހާ އަތޮޅަކަށް ވެސް އެ އޮތީ ފެށޭގޮތަށް ހަމަޖެހިފަ އިރާދަ ކުރެއްވިއްޔާ. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ
ލ. އަތޮޅާއެކު މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބެނީ ކ. އަތޮޅާއި އއ.. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅަށެވެ.
