ކުރިން ހެދި ގޯސްތައް ތަކުރާރު ކުރާކަށް ނުޖެހޭ: ނަޝީދު

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ ދެން ވެރިކަން ކުރާ ބަޔަކު އެކަން ހަމަ އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިންގާފައި އޮތުމަކީ މި ވެރިކަމުގައި ވެސް އަދި ދެން އަންނަ ވެރިކަމެއްގައި ވެސް ހަމަ އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން" ކަމަށެވެ.
ނަޝީދު މި މޭރުމުން ވާހަލަ ދެއްކެވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ނަމަވެސް މި ދަނޑިވަޅަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސާ ޗާޕްކޮށްގެން ކަންކަން ކުރި ގޮތަށް މި ސަރުކާރުން ފައިސާ ޗާޕް ނުކޮށް ގައުމުގެ ހާލަތު ރަނގަޅު ކުރާނެ ކަމެއް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތް ވާހަކަތަކާ އިދިކޮޅަށް ކަންކަން ކުރަން އުޅޭކަމުގެ އަޑުތަކެއް އަރާފައިވާ ދުވަސްވަރެކެވެ.
އެގޮތުން ޕެންޝަން އޮފީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު ހިންގަން ނިންމި ފައިސާގެ މުއާމަލާތެއްގެ ވާހަކަ މިހާރު އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އެގޮތުން މަރުކަޒީ ބޭންކަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމާފައިވެ އެވެ.
އެ މުއާމަލާތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ވެސް ކަންބޮޑުވުން ބަޔާނެއް ނެރެ، މިއީ ފައިސާ ޗާޕްކޮށް، ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް ފަށަން އުޅޭ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެކަން ހުއްޓާކަން ގޮވާލާފައިވެ ވެ. އަދި މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން އެމްއެމްއޭ އިސްވެ އޮވެ، ކުރުވަމުންދާ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
