ކޮންމެ އަފްރާދަކު އަތުގައި އޮންނަ ފޯނުން ޤައުމާ އެއްކޮޅަށް މަސައްކަތްކުރާނަމަ ހުރިހާ ހަމަލާއެއް ނައްތާލެވޭނެ: ރައީސް މުޢިއްޒު
ކޮންމެ އަފްރާދަކު އަތުގައި އޮންނަ ފޯނުން ޤައުމާ އެއްކޮޅަށް މަސައްކަތްކުރާ ނަމަ ހުރިހާ ހަމަލާއެއް އިސާހިތަކު ނައްތާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުންގެ ދުވަހާ ގުޅިގެން ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާ ހަމައަށް ގެނައުމަށް ޓަކައި ޝަހީދުވި ހުރިހާ އަބްޠާލުންގެ ޒިކުރާ ތާއަބަދަށް ދެމިއޮންނާނެ ކަމަށާއި ދިވެހިންނަކީ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި އެއްބައިވަންތަ ބައެއްކަމަށެވެ.
ހަމައެހެންމެ ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ޤުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް އެކަނި ނޫންކަމަށާއި ހަމަކޮންމެ ދިވެހި ރައްޔިތެއްގެ ފަޚްރަކަށް އެކަން ހަދަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ސިކުނޑި، ވިސްނުން، އެ މީހެއްގެ ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާ ހިނދަކު މި ޤައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ އެ ޤައުމުގެ ކޮންމެ އަފްރާދެއްގެ ވިސްނުން ޤައުމާއި އެއްކޮޅަށް ހުރެގެންކަމަށާއި އަތުގައި އޮންނަ ފޯނުން މީސްމީޑިއާގެ ބޭނުން ޤައުމާ އެއްކޮޅަށް ކުރާނަމަ ހުރިހާ ހަމަލާއެއް ނެތިގެން ހިނގައިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮންމެ އަފްރާދަކު ޤައުމާ އެއްކޮޅަށް ވިސްނާނަމަ އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން މިހާރު މީސްމީޑިއާގެ ހަޤީޤަތް ބޭނުންކޮށްގެން ޤައުމާ އެއްކޮޅަށް މަސައްކަތްކޮށްފިއްޔާ އިސާހިތަކު އެކަހަލަ ހުރިހާ ހަމަލާއެއް ނައްތާލެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބަވަނަވެފައިވާ ދުނިޔޭގައި އެކި ގޮތްގޮތުން ޤައުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ފަސޭހަކަމަކަށް ވިޔަސް ކޮންމެ އަފްރާދަކު ވެސް އަމިއްލަ މަސްލަހަތަށް ވުރެން ޤައުމުގެ މަސްލަހަތު އިސްކުރާނަމަ އެކަން ކާމިޔާބު ނުކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ،
