ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން އިން މީހާގެ ލައިސަންސެއް ނެތް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ އާދިއްތަ ދުވަހު އެމްޕީއެލް ސަރަހައްދުގެ ބޭރުގައި އޮއްވާ ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން އިން މީހާގެ ލައިސަންސްއެއް ނެތްކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

"އެމް.ވީ ސެލެސްޓިއާ" ނަމަކަށް ކިޔާ އެ ބޯޓުން ކޮޅުވެއްޓިއަށް ދެ އެކްސްކަވޭޓާ ބަރުކުރުމުގެ ތެރޭގައި، އެ ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައެވެ.

އެ ހާދިސާއާ ގުޅިގެން ހިންގި އެތެރޭގެ ތަހުގީގުން ފާހަގަވި ކަންކަން އެމްޕީއެލްއިން މިއަދު މީޑިއާތަކާ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމަށާއި އަދި އެ ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.އަދި ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވައިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައި ނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން އެފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތް ކަމަށާއި އަދި އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ އެކްސްކެވޭޓަރު ކޮޅުވެއްޓީގައި ބެހެއްޓުމަށް ފަހު، ކޮޅުވެއްޓީގެ ކެޕްޓަންގެ ހުއްދައާ އެކު މަސައްކަތް ނިންމައިލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަމަށެވެ.

އެހެން ނަމަވެސް މަސައްކަތް ނިންމައިލި ފަހުން، އަނެއްކާ ވެސް ކޮޅުވެއްޓީގެ ކެޕްޓަންގެ އެދުމުގެ މަތިން ކޮޅުވެއްޓީގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓު ފަރާތަށް ޖެއްސުމާ ގުޅިގެން، އެކްސްކަވޭޓަރުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން ވެސް އެމްޕީއެލްއިން ފާހަގަކުރި އެވެ.

އެމްޕީއެލްއިން ބުނީ އެތެރޭގެ ތަހުގީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން މިހާރު ތަންފީޒުކުރަމުންދާ ކަމަށެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކޮށް ހާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކޮށް ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައްކުރުން ހިމެނޭކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!