ކައުންސިލްތަކުގެ އިމާރާތް އަޅާ ފެންވަރު ބަލަން ކޮމިޓީތަކެއް ހަދަނީ
ކައުންސިލްތައް ހިންގަން އިމާރާތް އަޅަމުންދާ ފެންވަރު ބަލަން ރަށްރަށުގައި ކޮމިޓީތަކެއް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް 55 ރަށު ކައުންސިލެއްގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
މިނިސްޓަރު އާދަމް ޝަރީފު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގާތުން މޮނިޓާ ކުރުމަށްޓަކައި ކޮންމެ ރަށެއްގައި ވެސް ރަށުގެ އެކި ފަރާތްތައް ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާނެ ކަމަށެވެ. އަދި އެ ކޮމިޓީ އެކުލަވާލާނީ ވެސް ރަށު ކައުންސިލް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
''ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްއެބަގެންދަން'' މިނިސްޓަރު ވިދާޅުވި އެވެ.
ެާކައުންސިލް އިދާރާގެ އުމްރާނީ މަސައްކަތާ ބެހޭ ގޮތުން ބަލަން ޖެހޭ ކަންކަމާއި، ހައްލު ކުރަން ޖެހޭ ކަންކަމާ ބެހޭ ގޮތުން 9108899 އަށް ގުޅުމުން ހައްލު ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓަރޔގެ ޕޯސްޓުގައިވެ އެވެ.
މި ސަރުކާރުގެ އަމާޒަކީ 100އަށް ވުރެ ގިނަ ރަށުގައި ކައުންސިލް އިދާރާ ހިންގަން އާ އިމާރާތެއް އެޅުމެވެ.

