ޚަބަރު

ނެޝެނަލް ހެލްތު ލެބޯޓަރީ އަޅަން ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނެޝެނަލް ހެލްތު ލެބޯޓަރީ އަޅަން ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކުރުން--

ނެޝެނަލް ހެލްތު ލެބޯޓަރީ އަޅަން ޖަރުމަނުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

Ads by MPL

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޖަރުމަނުގެ ކުންފުނި، ޖީޓެކް ކޮންސަލްޓިން ގްރޫޕްއާ އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއް ސަމަދު އަބްދުﷲ އެވެ. އަދި ޖީޓެކްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ލެބޯޓަރީ ހަދަން ފީސިބިލިޓީ ސްޓަޑީއާއި ޑިޒައިންގެ މަސައްކަތާއި އަދި ލެބޯޓަރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

އެ މަޝްރޫއުގެ ދަށުން 12 ބުރީގެ އިމާރާތެއް އަޅާއިރު ބީއެސްއެލް-3ގެ ލެބްތައް ވެސް ގާއިމުކުރާނެ އެވެ. އޭގެ ސަބަބުން ބަލިތައް ތަހުލީލުކުރަން ފަސޭހަ ވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އެންމެ ޒަމާނީ ވައިރޮލޮޖީ، ބެކްޓީރިއޮލޮޖީ، ޕެރަސައިޓޮލޮޖީ އަދި މޮލިކިއުލާއާ ގުޅޭ ކަންކަން ދެނެގަތުމުގެ ކަންކަން އެއް ފުރާޅެއްގެ ދަށަށް ގެނެސް ފެތުރޭ ބަލިތައް އަވަހަށް ކަށަވަރުކަމާއެކު ދެނެގަނެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުން ދަނީ ސިއްހީ ދާއިރާ ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން ސްޕެޝަލައިޒްޑް ހޮސްޕިޓަލުތައް އެޅުމާއި އަދި ޓާޝިއަރީ ހޮސްޕިޓަލުތައް އެޅުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ.

Ads by Ooredoo