ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

އިންސާފު ނެތް ތަނެއްގައި ހަމަޖެހުމާއި ތަރައްޤީއެއް ނުގެނެވޭނެ: މަޖިލީހުގެ ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ

އިންސާފު ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެކަމަށާއި ތަރައްޤީއެއް ނުގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރަށް 2 އަހަރުވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރިއަށް ގެންދާ "ހަފްތާ104" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށް، ސިޔާސީ ގޮތުން މީހުންނަށް ފިޔަވަޅު އެޅުން ނިމުމަކަށް ގެނެސް، ޚިޔާލު ފާޅުކުރުމަށް މަގުފަހިކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށެވެ. އެގޮތުން މި ސަރުކާރަށް ދެ އަހަރުވީއިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއްވެސް ކަންބޮޑުވުމެއް ނެތް. އެބަޔަކަށް ސަޕޯޓް އޮންނަ މިންވަރަކުން ހަރަކާތް ހިންގޭނީ. އެއީކީ އެއްވެސް ވަރަކަށް ސަރުކާރުން ހުއްޓުވައިގެން، ސަރުކާރުން ނުފޫޒު ފޯރުވައިގެންވާ ކަމެއް ނޫން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެވޭނީ ޢަދުލު އިންސާފު ޤާއިމު ކުރެވިގެން ކަމަށާއި ޝަރުޢީ ދާއިރާ މިނިވަން ކުރެވިގެން ކަމަށެވެ. އަދި ތަރައްޤީގެ ހަމަމަގުން ކުރިއަށް ގެންދެވޭނީ ޞުލްޙަވެރިކަމާއި ޢަދުލު އިންސާފު އޮވެގެންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމައެހެންމެ، މަޖިލީހުގެ ތެރެއިން ރައްޔިތުންގެ އެދޭ ގޮތަށް ހަމަޖެހުމާއި ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކޮންމެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

Ads by HDC