ޚަބަރު

ޖަލު ބަންދު ނޫން އަދަބުތައް ތަންފީޒުކުރަން ގދ. އަތޮޅު ކައުންސިލްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖަލު ބަންދު ނޫން އަދަބުތައް ތަންފީޒުކުރަން ގދ. އަތޮޅު ކައުންސިލްއާއެކު ސޮއިކުރުން--

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރަން ގދ. އަތޮޅު ކައުންސިލްއާ އެކު ކަރެކްޝަންސްއިން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by MPL

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގައި އަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރަން އަމަލުކުރުމަށް އެކުލަވާލައިފައިވާ ކަރެކްޝަންސްގެ ގަވައިދުގެ ދަށުން އަދަބު ތަންފީޒު ކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެެވެއެވެ.

ކަރެކްޝަންސްއިން ބުނީ މިއަދު ސޮއިކުރި ފަހުމުނާމާއަކީ އެ ކަންކަމާ ގުޅޭ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަަމަލުކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން ސޮއިކުރި ފަހުމްނާމާއެއް ކަމަށެވެ.

މިއަދު ހެނދުނު ގދ. އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ކަރެކްޝަންސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އެވެ. އަދި ގދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲއެވެ.

މިއަދު އެއްބަސްވި ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީންނަށް ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގަ އިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، ގދ. އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި މުޖުތަމައުއަށް ހިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި ގދ. އަތޮޅު ކައުންސިލުންނާއި، ގުޅުން ހުރި އެންޖީއޯ ތަކުންނާއި އެ ނޫން ވެސް އެކި ދާއިރާތަކުގެ މައުލޫމާތު ހޯދާ ކަރެކްޝަންސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެ އެއްބަސްވުމުގައި ހިމެނެއެވެ.

އޭގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒު ކުރުމުގެ މުއްދަތުގައި، ގައިދީން މުޖުތަމައުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމައަށް އަލުން ގުޅުމަށް މުޖުތަމައުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!