އަތޮޅު ކައުންސިލް އުވާލުމަށް ޤާނޫނަށް ގެނައި އިސްލާޙަށް ތާޢީދު: ޤާސިމް
އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙަށް ތާޢީދު ކުރައްވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކަށް ފޮނުވުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ނަމަ، ޚިދުމަތްތައް އަވަސްވާނެ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަވެ އެފިޝެންސީ އިތުރު ވެގެންދާނެކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާތަކުން، ނުހަނު ޒިންމާދާރުކަމާ އެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ކައުސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލަކީ ރާއްޖެގައި ކޮންމެހެން އޮންނަންޖެހޭ ލޭޔަރެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައިފައެވެ.
