ޚަބަރު

ކުރީގެ ރައީސް ނަޝީދަށް މަރުގެ އިންޒާރުދިން ޔާފިސަށް 10 އަހަރުގެ ޖަލު ޙުކުމެއް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސް / ފޮޓޯ: ދެން މީޑިއާ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރުދިންކަމުގެ ކުށް ސާބިތުވެ، ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސަށް 10 އަހަރުގެ ޖަލުގެ ޙުކުމެއް ކޮށްފިއެވެ.

Ads by MPL

ޕޮރޮސިކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ބުނީ، 2021ވަނަ އަހަރު ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށާއި ފުލުހުންގެ ޚިދުމަތުގެ ތަޙުޤީޤު މަރުހަލާގައްޔާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް މުޙައްމަދު ނަޝީދު މަރައިލުމަށް ހަމަލާދޭނެކަމަށް ބުނެ ޔާފިސް އިންޒާރުދީފައިވާ ކަމަށެވެ. އަދި ދައުލަތާއި ޔާފިސްއާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ޔާފިސްގެ މައްޗަށް ތިން ޙުކުމެއް ކޮށްފައި ވެއެވެ. އެއީ ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުން ސާބިތުވުމާ ގުޅިގެން ދެ އަހަރަށް ޖަލަށްލުމަށާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމުގެ ކުށުގައި 3 އަހަރަށް ޖަލަށްލުމާއި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށް ސާބިތުވުމާ ގުޅިގެން 5 އަހަރަށް ޖަލަށްލުމުގެ ޙުކުމެވެ.

ޔާފިސް، އޭނާގެ ފޭސްބުކްގައި ހިއްސާކުރި ޕޯޓުގައި ބުނެފައިވެއެވެ. "އަބޫޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށާއި 2021ވަނަ އަހަރުގެ މޭ މަހުގެ 6ވަނަ ދުވަހު ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެވެ.

Ads by HDC