ޚަބަރު އިޖުތިމާޢީ

އުރީދޫ އަދި ދިރާގު" ކަސްޓަމަރުންނަށް ހިލޭ ލަންކާއަށް ގުޅޭނެ"

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އުރީދޫ އަދި ދިރާގު / ފޮޓޯ: ދެން މީޑިއާ

އަވައްޓެރި ލަންކާއަށް ތޫފާނެއް އަރައި ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ޢާއިލާ މެންބަރުންނާއި ރައްޓެހިންގެ ޙާލު ބަލައިލުމަށް ހިލޭ ގުޅައިލެވޭނެކަމަށް ދިވެހިރާއްޖޭގެ މުވާސަލާތީ ގުޅުންތައް ކުރިއަށްގެންދާ ދެ ކުންފުނިކަމަށްވާ އުރީދޫ އަދި ދިރާގުން ބުނެފިއެވެ.

Ads by STELCO

އުރީދޫއިން މިއަދު ބުނީ ހިލޭ ގުޅައިލުމަށް ދިން މި ފުރުސަތަކީ ލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހި ދިރިއުޅެމުންދާ ގައުމަކަށްވެފައި އެ ގައުމަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފަސޭހަކޮށް މުއާސަލާތު ކުުރުމަށް އެހީތެރިވެދިނުމަށް ދެވުނު ފުރުސަތެއް ކަމަށެވެ. އެގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް 24 ގަޑިއިރަށް ކުރާ ކޮންމެ ކޯލެއްގެ ފުރަތަމަ 5 މިނެޓް މުޅިން ހިލޭ ގުޅައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނެފައި ވަނީ، ލަންކާއަކީ 1800އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ތަނަކަށް ވެފައި، މި ހިތާމަވެރި ޙާލަތުގައި ފަސޭހަކޮށް މުއާސަލާތު ކުުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން، އެއްހަފްތާއަށް ލަންކާއަށް ދިރާގު ކަސްޓަމަރުންނަށް ގުޅޭނެ ކަމަށެވެ. އެގޮތުން، *225# އަށް ޑައިލްކޮށްލުމުން 30 މިނެޓްގެ ހިލޭ ކޯލް އެއްހަފްތާއަށް ލިބިގެންދާނެ ކަމަށާއި މި އެޑް-އޮން މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެކަމަށް ވެސް ދިރާގުން ބުނެއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މިހާތަނަށް 50އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 20އަށް ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

ލަންކާގެ ކައިރީގައި އުފެދިފައިވާ މި ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މި ތޫފާނުގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ ޓަމިލްނާޑޫއާ ދިމާލަށް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

  1. ވަރަށް ފަޚުރުވެރިވެވޭ ! މިކަން ވަންޏާ ވަރަށް ސަޅި!