ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދިވެހި ފިރިހެނަކާ ބިދޭސީ 4 އަންހެނުން ހުޅުމާލެއިން ހައްޔަރުކޮށްފި
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކާ ބިދޭސީ 4 އަންހެނުން ހުޅުމާލެއިން ހައްޔަަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކުރާކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައި ފުލުހުން އޮޕަރޭޝަނެއް ހިނގިކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ)އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ)ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންކަމަށާއި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހުއާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުންކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާރޓްމަންޓް ބަލައި ފާސްކުރިއިރު، 19،100އަށް ވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާއަށް 10 ދުވަހުގެ މުއްދަތަށް ބަންދުކޮށް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

