ޚަބަރު އިޖުތިމާޢީ

ދިރިއުޅޭ ތަނުގައި ކުރުނބާފަނި ތައްޔާރުކޮށް ވިއްކަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނުތާހިރުކޮށް ތައްޔާރުކޮށް ފިހާރަތަކަށް ކުރުނބާފަނި ފުޅި ވިއްކަމުން ދިޔަ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2025 ޑިސެމްބަރު 1ވަނަ ދުވަހު ފުލުހުންނާއި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭތަނެއް ބަލައި ފާސްކޮށް، ގިނަ ޢަދަދެއްގެ ކުރުނބާ އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަނަކީ ކުރުނބާ އަދި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަމަށް ފާހަގަކުރެވޭ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ދެ މީހުން މިހާރު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބިދޭސީން ޤަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އާންމުންނަށް ފާއިތުވި ނޮވެމްބަރު 28ވަނަ ދުވަހު ވަނީ ހުޅުވައިލެވިފައެވެ. އެގޮތުން 29 ވިޔަފާރިއެއްގެ ރިޕޯޓުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo