އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްއިތުރަށް މަސައްކަތް ކުރުން: މިނިސްޓަރު
މި ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިތުރަށް މަސައްކަތްކުރުން ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 'ކާފު ފޯރަމް 2025' ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާކަމަށާއި އަދި ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ.
''އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުން، މި ނިޒާމުގައި ތިބެގެން މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ'' މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ކަންކަން ކުރިއަށް ގެންދާނީ ރަށްރަށުގެ ކައުންސިލުން އަދި ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތް ގޮތަށް ކަންކަން ގެންދަން، ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކާފު ފޯރަމަކީ މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި އަދި މިއީ ވަރަށް ބޭނުންތެރި ފޯރަމެއް ކަމަށެވެ.
