ހުޅުމާލެ ފޭސް ތިނެއްގެ 30 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައިފި
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރަށް ވުރެ ބޮޑުބައެއް ހިއްކައި ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
އެޗްޑީސީއިން މިހެން ބުނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ އެ މަޝްރޫއު އަވަސްކުރުމަށް ޓަކައި ގެނައި ދެ ޑްރެޖަރާ އެކު އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށެވެ. އެ ގޮތުން 30އަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށް ބުނެފައިވެއެވެ.
"މި މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާ އެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމާ އެކު ކުރިއަށް. މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކައި ނިމިފައި." އެޗްޑީސީ އިން ބުނެފައިވެއެވެ .
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މަޝްރޫއުއެކެވެ. މި މަޝްރޫއަށް މަޑުޖެހުމެއް އައުމަށް ފަހު މި މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ ދިހަވަނަ ދުވަހުގައެވެ.
ރައީސް ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވީ ޖަލްސާއެއްގައި ވިދާޅުވީ މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް މި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމައިލެވޭނެ ކަމަށެވެ.
މި މަސައްކަތަށް މަޑުޖެހުމެއް އައި އިރު 28 ހެކްޓަރެއް ހިއްކައިފައިވެއެވެ.

