ޚަބަރު

ކަރެކްޝަންސްގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ޑިޕްލޮމާ ކޯހެއް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަރެކްޝަންސްގެ މުވައްޒަފުނަށް ޑިޕްލޮމާ ކޯހެއް ފެށުން--

ކަރެކްޝަންސްގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ޑިޕްލޮމާ ކޯހެއް އަލަށް ފަށައިފިއެވެ.

Ads by MPL

ކަރެކްޝަންސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯސް އިފްތިތާހުކުރީ އިއްޔެ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި އެ ކޯސް މިއަދު ފަށާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ދެ ބެޗާ އެކު ފެށި އެ ކޯހުގައި އެކި ޖަލުތަކުންނާއި ކަރެކްޝަންސްގެ ހެޑްކުއާޓާސްއިން ޖުމްލަކޮށް 88 ޕްރިޒަން އޮފިސަރުން، އަދި ސިވިލް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އޮންލައިންކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޑިޕްލޮމާ ކޯސް ފަރުމާކޮށްފައި ވަނީ ކަރެކްޝަންސްގެ މަސައްކަތްތަކަށް ހާއްސަކޮށެވެ. އެ ކޯހުގެ މައިގަނޑު މަގުސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތައުލީމީގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހަދައި މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އެ ކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް ފަހެއްގެ ފެންވަރަށް ބަލައިގަންނަ  ސެޓްފިކެޓެއް ލިބިގެންދާނެކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްއިން މިއަދު ވަނީ ޔުނިވާސިޓީ ޕްރެޕެރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ވެސް 117 ބައިވެރިންނާއެކު މިއަދު ފަށައިފައެވެ.  ތިން މަސް ދުވަހަށް، އޮންލައިންކޮށް ކުރިއަށްދާ ޔޫޕީޕީ ކޯސް ފުރިހަމަކުރުމުން، ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

Ads by HDC