ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ގާއިމްކުރަނީ
ރ.ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއަކާ އެކު މަސްކިރުވާ ބަނދަރެއް ގާއިމްކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަސަން އިބްރާޙިމްއެވެ.
މި މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން، މަސްދޯނިތަކާއި އުޅަނދުތައް ކައިރިކުރުމަށް އެކަށިގެންވާ ޒަމާނީ ބަނދަރެއް ވެސް ތަރައްގީކުރާނެއެއެވެ.
ރ.ކަނދޮޅުދޫއަކީ މިހާރު ފަޅު ރަށެކެވެ. މަސްވެރި ރަށެއްގެ ގޮތުގައި ކުރިން އޮތް މި ރަށުގެ ރައްޔިތުން ސުނާމީ ކާރިސާއަށް ފަހު އާބާދުކޮށްފައި ވަނީ ދުވާފަރުގައެވެ.
