ސަރުކާރު

ދާއިމީ ބަލިތަކަށް ފަރުވާ ހޯދުމަށް ޕެންޝަން ފައިސާ އެކީ ނެގޭނެ ގޮތް ހަމަޖައްސާނަން: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭނެ ގޮތް ހައްދަވައި ދެއްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕެންޝަން ފައިސާ ހައުސިންގެ ބައެއްް ކަންކަމަށް ބޭނުން ކުރަން ފެށިފައިވާ ކަމަށާއި އިތުރު ބައެއް ކަންކަން ހިމަނައިގެން ޕެންޝަންގެ ޤާނޫނު އަނެއްކާ ވެސް އިޞްލާޙު ކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޓާމިނަލް އިލްނެސްގައި އުޅޭ ފަރާތައް ވިއްޔާ، އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މި ކަހަލަ ބައެއް ކަންކަން އަދި ހައުސިންގއަށް ދެވޭ ފުރުސަތުގެ އިތުރަށް ހައުސިންގ އާއި ގުޅޭ އިތުރު ކަންކަން ހިމެނޭހެން މި ކަހަލަ އެތައް ކަމެއް، އިތުރު ފުރުސަތު ހިމެނޭހެން ޕެންޝަން ޤާނޫނު އިޞްލާޙުކުރުމަށް ދާދި އަވަހަށް އެބަ ފޮނުވަން މަޖިލީހަށް،" ރައީސް ވިދާޅުވިއެވެ.

މިހާރުގެ ޕެންޝަން ޤާނޫނުގެ ދަށުން ޕެންޝަން ފައިސާ ބޭނުން ކުރެވޭން އޮތް ގޮތްތަކާމެދު އާންމުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ. ހަމައެހެންމެ ރޭގެ ހަފްލާގައި ވެސް ބައެއް ރައްޔިތުން ވަނީ ޕެންޝަން ފަންޑާމެދު އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.