ޚަބަރު

ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާޙު ސިޔާސީ ދާއިރާއަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޢަބްދުލް ފައްތާޙު ސިޔާސީ ދާއިރާއަށް ނިކުމެއްޖެއެވެ.

Ads by STELCO

މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، އޭނާގެ އުފަން ރަށް ކަމަށްވާ، ހއ. ކެލާގެ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ނިންމައިފައިވާކަން ހާމަކޮށްފައިއެވެ. އަދި އޭނާ އެ މަޤާމަށް ނިކުންނަން ނިންމައިފައި ވަނީ ސަރުކާރު ހިންގާ ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

މީގެ އިތުރުން، ފައްތާޙު ބުނެފައި ވަނީ އޭނާ އެ މަޤާމަށް ނިކުންނަން ނިންމައިފައި ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ސަރުކާރު ތެރެއިން ކޮށްދިނުމަށާއި ރަށަށް ހެޔޮގޮތް އެދޭތީކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު އޮންނަ ޕީއެންސީ ޕްރައިމަރީގައި ކެލާގެ ޕީއެންސީ މެންބަރުން، އޭނާއަށް ވޯޓު ދިނުމަށް އެދޭ ކަމަށް ވެސް ފައްތާޙު ބުނެފައިވެއެވެ.

ފައްތާޙުގެ އެންމެ މަޤްބޫލު ފިލްމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ، ކެލާގައި އެ ފިލްމުގެ ބޮޑު ބައެއް ނަގައިފައިވާ، އޭނާގެ ޑައިރެކްޝަން "ހިނިތުންވެލާށޭ ކަލާ"އެވެ. ފައްތާޙުގެ އެންމެ ފަހު ޑައިރެކްޝަނަކީ ދިވެހި ފިލްމު "ހައްދު"އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!