ނަޝީދު މިހާރު ވިދާޅުވަނީ މީހުން އުޅޭ ރަށްރަށުގައި ރާ ހުއްދަކުރަން ނުޖެހޭކަމަށް
މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މާފުށި ޓުއަރިޒަމް ބްރޭންޑް ލޯންޗުކުރަން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައަކަށް މީހުންގެ ފާޑުކިއުން އަމާޒުވުމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ލިބޭ ބައެއް ހިދުމަތްތަކާއި ބައެއް ތަކެތި ލިބެން ނެތުމަކީ ބޭއިންސާފެއް ކަމަށެވެ.
ނަޝީދު އިޝާރާތްކުރައްވާ ބައެއް ތަކެއްޗަކީ ރަލާއި އޫރުމަސް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވިއެވެ.
ފާޑުކިއުންތަކާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައް ދިވެހި ބަހުން ސާފުސީދާ ދިވެހި ބަހުން ވިދާޅުވި ވާހަކައެއް އޮޅުވައިލައިގެން އަމިއްލަ މާނަ ނަގައިގެން ފެތުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
"ރިސޯޓް ފަހަރުގައި ލިބޭ ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި ތަކެއްޗަކީ ރަލާއި އޫރު މަހެއް ނޫން. މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަކުރާކަށް ނުޖެހޭ," ނަޝީދު ވިދާޅުވިއެވެ.
ދެން އެއީ ކޯއްޗެއްތޯ މީހުން ސުވާލުކުރަން ފެށުމުން ނަޝީދުގެ ނުރަސްމީ އެކައުންޓުން ވެސް ޕޯސްޓެއް ކުރެއްވިއެވެ. އޭގައި ލިއުއްވައިފައި ވަނީ އޯވާވޯޓާ ކޮޓަރި، ވެލިމަގު، މަގު ކައިރީ ގަސްތައް، މަގުމަތި ބޮކި ހުންނަ ގޮތަކީ ވެސް އެއިން ބައެއް ތަކެތި ކަމަށެވެ.
