ސިޔާސީ

އަޅުގަނޑުމެން ދެމީހުންނަށް މާގިނަ ދުވަހަކު ދުރަކު ނުތިބެވޭނެ: ނަޝީދު/އިބޫ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ހިޔާލުތަފާތުވުންތަކާއި ދެބަސްވުން އެއްފަރާތްކުރެއްވުމަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by STELCO

މިއީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރުގައި ދެބޭފުޅުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުމަށް ފަހު ދެބޭފުޅުން އެކީގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ދެބޭފުޅުން ބައްދަލުކުރައްވައި، ޕާޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާތަކެއް ކުރައްވައިފައެވެ. އޭގެ ފަހުގައި ދެބޭފުޅުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ބޮޑު ގައުމީ ޝަހުސެއް ކަމަށާއި ބޮޑު މުއައްސަސާއެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެކި ފުރުސަތުތައް ހޯދައިދިން ޕާޓީއެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެ ދެބޭފުޅުންނަކީ އެކަމުގެ ވަރަށް ބޮޑު ހިއްސާދާރުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އަންނާން އޮތް ޖީލުތަކަށް ޓަކައި ސިޔާސީ މަސައްކަތުގައި ދެ ބޭފުޅުން އެކުގައި ތިބުމަކީ ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ.

"ރައީސް ސޯލިހަކީ އަޅުގަނޑާ އެއްވެސް އިރެއްގައި ދުރު ބޭފުޅެއް ނޫން. ދެން އަޅުގަނޑުމެން ބައެއް ފަހަރު ދެބަސްވެފައި ތިއްބެއް ކަމަކު އަޅުގަނޑުގެ ހިތެއް ނުބުނޭ އަޅުގަނޑުމެންނަކަށް މާ ގިނަ ދުވަސްތަކެއްވާންދެން ތިބެވޭނެއެކޭ. އެއީ އުނދަގޫ ކަމަކަށް އަޅުގަނޑުމެންނަށްވާނެ އެކަން،" ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ތާއީދު ކުރައްވަމުން އިބޫ ވިދާޅުވީ އެ ގުޅުމަކީ ވަރަށް ޒަމާނުއްސުރެ އޮންނަ ގުޅުމެއް ކަމަށާއި، އަބަދުވެސް ދެބޭފުޅުންގެ މެދުގައި ސިޔާސީ ކަންކަމުގައި ހިޔާލުތަފާތުވުންތައް ހުންނަ ކަމަށެވެ. ނަމަވެސް، އަބަދުވެސް އެކަންކަން ހައްލު ކުރުމަށް ފަހު ދެބޭފުޅުން އެކީ ކުރިއަށްވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

އިބޫ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރެޓިކް އުސޫލުތަކެއް ހިފަހައްޓާ ޕާޓީއެއް ކަމަށާއި، އެމްޑީޕީ އެހެން ޕާޓީތަކާ ތަފާތު ވަނީ ވެސް އެހެންވެގެން ކަމަށެވެ. އެހެން ޕާޓީތައް އުވި، ރޫޅިގެން ދިޔަ ނަމަވެސް އެމްޑީޕީ އަބަދުވެސް އެގޮތުގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"2023ގެ ރިޔާސީ އިންތިހާބާ ހިސާބަށް އައިއިރުގައި [ޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ދިއުމަކީ] އެއީ ވެގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމައި އެހިސާބަށް ދިޔަކަމަށް އަޅުގަނޑަކަށް ގަބޫލުކުރެވެނީ. ދެން އެކަހަލަ ކަމެއް ދިމާ ނުވާ ގޮތަށް، އަޅުގަނޑުމެންނަށް އެޔަށް ވުރެ ކައިރިން ވާހަކަތަކެއް ދެއްކިއްޖިއްޔާ އެކަހަލަ ލޮޅުމެއް އިރާދަކުރެއްވިއްޔާ ދެނެއް ނާރާނެ،" އިބޫ ވިދާޅުވިއެވެ.

ނަޝީދާއި އިބޫ އެކީގައި ފެނިގެން ގޮސްފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮއްވައެވެ. ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.

  1. އަބޫ އުބޭދު ބުނު އަބޫ ބަކަރި

    ބުއްދި އެއްނެތް ވާހަކަ ދައްކުމައްޓަކާ ދެމީހުން މިއުޅެނީ

  2. އަބްދޫ

    ވަގަކާ ޗޯރޭ އެއް އެއްވެއްޖެ