ޚަބަރު

ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު މީޑިއާތަކާއެކު މީޑިއާ ފެންޑާގައި

ދައުލަތުން މީޑިއާތަކަށް ދޫކުރަން ނިންމައިފައިވާ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

މީޑިއާތަކަށް ދޫކުރާ ފައިސާއަށް އެދެން ކުރިން ވެސް ހުޅުވައިލިއެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު އެ ފައިސާ ދޫކުރަން ނިންމި މީޑިއާތައް އިއުލާން ވެސް ކުރިއެވެ.

އެގޮތުން 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ދޭން އޭރު އިއުލާންކުރިއެވެ. ނަމަވެސް، މީޑިއާތަކަށް ފައިސާ ދޫކުރަން ނިންމި އަދަދުތައް އިންސާފުވެރި ނޫންކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފައިސާ ދޫކުރަން ނިންމި ލިސްޓު މުރާޖާކުރަން ސަރުކާރުން ނިންމިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން ކުރި އިއުލާނެއްގައި ބުނީ މާލީ އެހީތެރިކަމަށް އެދެން ބޭނުންވާ މީޑިއާތަކަށް އެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.

އެގޮތުން "ވަން ގަވް" އޮންލައިން ޕޯޓަލްގައި ހިމެނޭ "މީޑިއާއެޕް" މެދުވެރިކޮށް އެހީއަށް އެދެވޭނެ ކަމަށް ވެސް ކޮމިޝަންއިން ބުންޏެވެ.

މީޑިއާތަކަށް އެހީ ދިނުމުގެ އުސޫލު އިއްޔެ ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން އެހީ ދޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއްއަހަރު ދުވަސްވެފައިވާ މީޑިއާތަކަށެވެ.

އެހީ ދޭ މީޑިއާތައް ކަނޑައަޅަން މާކްސްދޭއިރު ރަޖިސްޓްރީކޮށްގެން، މީޑިއާ ހިންގަމުންދާ މުއްދަތަށާއި އަދި އެ މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ވެސް ބަލާނެކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!