ކައުންސިލް އިންތިހާބަށް ހޭލުންތެރިކުރަން އީސީން ޓިކްޓޮކް މުބާރާތެއް ބާއްވަނީ
އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރަން ޓިކްޓޮކް މުބާރާތެއް ބޭއްވުމަށް ނިންމައި އެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަދި އެކި މީހުން ހިމެނޭ ޓީމެއް ގޮތަށް ހުޅުވާލި އެ މުބާރާތުގެ އެއްވަނަ ހާސިލްކުރާ ޓީމަށް ލިބެނީ 5،000 ރުފިޔާއެވެ. ދެވަނައަށްދާ ޓީމަށް 3،000 ރުފިޔާއެވެ. ތިންވަނަ ހޯދާ ޓީމަށް 2،000 ރުފިޔާ އެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
އެ މުބާރާތުގެ ގަވާއިދުގައި އޮންނަ ގޮތުން ވީޑިއޯ ތައްޔާރުކުރުމަށް ދެވޭ މައުލޫތަކަކީ:
- ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިއުންތައް
- އިންތިހާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަން
- ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ މުހިންމުކަން
- އިންތިހާބާ ގުޅޭ ގޮތުން ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މުހިންމުކަން
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ތައްޔާރުކުރެވޭނީ ކޮންމެ މައުލޫއަކަށް މަދުވެގެން އެއް ވީޑިއޯއެވެ. ބޭނުންވާނަމަ ކޮންމެ ވެސް އެއް މައުލޫތަކަށް ވެސް ވީޑިއޯ ހެދިދާނެ އެވެ.
ވީޑިއޯގެ ދިގުމިން ހުންނަން ޖެހޭނީ 30 ސިކުންތާއި 90 ސިކުންތު (1 މިނެޓާއި 30 ސިކުންތު) އާ ދެމެދުގައެވެ.
މުބާރާތަށް ތައްޔާރުކުރާ ވީޑިއޯއެއް ވަކި ސިޔާސީ ކޮޅަކަށް ބުރަވެގެން ނުވާނެކަމަށް އީސީން ބުންޏެވެ. ނަފްރަތު އުފެއްދުމުގެ އެއްވެސް ކަމެއް ވެސް ހިމެނިގެން ނުވާނެ ކަމަށް ބުންޏެވެ. އަދި އިސްލާމް ދީނުގެ ހަމަތަކާ ހިލާފު، އާންމު އަހުލާގީ މިންގަނޑަށް ނުފެތޭ ބަހާއި މަންޒަރު ހުރެގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

