މާލެ ރަށްވެހިކަމުގައި އެއް އަހަރުވެފައިވާ ފަރާތްތަކަށް ފްލެޓް ލިބޭ އުސޫލު ޢާންމުކޮށްފި
މާލެ ސިޓީގައި ރަށްވެހިކަމުގައި އެއް އަހަރުވެފައިވާ ފަރާތްތަކަށް، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް ޝަރުތު ހަމަވާގޮތަށް އުސޫލު ބަދަލުކޮށް، ސަރުކާރުން އެ އުސޫލު ޢާންމުކޮށްފިއެވެ.
މިގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނެވެ. ދެ ކެޓަގަރީގެ މީހުންނަށް ވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ގޯތިތަކެވެ.
ގޯތި ދިނުމުގެ އުސޫލުގެ ކެޓަގަރީ އެކެއް، މާލޭގެ ރަށްވެހިންނަށް ގްރޭޓާ މާލެ ސަރަހައްދުން ހުޅުމާލެ، ގުޅީފަޅު، ގިރާވަރު ފަޅު އަދި ރަސްމާލެއިން ގޯތި ލިބޭއިރު، ކެޓަގަރީ ދޭއްގަަައި ހިމެނޭ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންނެވެ.
މާލޭގެ ރަށްވެހިން ކަމަށް ބެލޭނީ އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އިތުރުން ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ. އެގޮތުން މި ކެޓަގަރީން ގޯތި ލިބުމަށް ގިނަ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.
އޭގެތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މިލްކިއްޔާތުގައި ނެތުމާއި، 400 އަކަފޫޓު އޮތް ނަމަ އެބައި ދޫކޮށްލަން ޖެހޭނެއެވެ. އަދި ވާރުތައިން ވެސް ވަރެއްގެ ބިމެއް ލިބެން އޮތްނަމަ އެބިންކޮޅު ވެސް ދޫކޮށްލަން ޖެހޭނެއެވެ.
މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ކެޓަގަރީއިން ގޯތި ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި އަންނަ ޖަނަވަރީ 14ވަނަ ދުވަހާ ހަމައަށް މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާ ފަރާތަކަށް ވާންޖެހެއެވެ. އެގޮތުން ޕޮއިންޓު ދެވެނީ މާލޭގައި ދިރިއުޅުނު މުއްދަތަށެވެ. އެގޮތުން 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްނަމަ 20 ޕޮއިންޓް، 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެއްނަމަ 30 ޕޮއިންޓް، އަދި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާނަމަ 40 ޕޮއިންޓް ލިބޭނެއެވެ. މި ބައިން ވެސް ޕޮއިންޓް ދިނުމުގައި އެ ފަރާތެއްގެ މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ވެސް ބަލާނެއެވެ.
މި އުސޫލަށް ގެނެވުނު ބަދަލުގައި، ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުން ފްލެޓް ލިބިފައި ނުވުމާއި ގޯއްޗަށް ކުރިމަތިލާ ފަރާތަށް، މީގެ ކުރިން ފްލެޓެއް ނުވަތަ ގޯއްޗެއް، އެހެން މީހަކަށް ހިބައިން ދީފައި ނުވަތަ ވިއްކާފައި ވޭތޯ ވެސް ބެލޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
