ޚަބަރު

މި މަހު 25ގެ ކުރީން 4000 ފްލެޓުގެ ތަޅުދަނޑިތަށް ޙަވާލުކޮށް ނިމޭނެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އަމާންދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ފްލެޓުތަކުގެ ތަޅުދަނޑިތައް މި މަހުގެ 25ގެ ކުރީން ޙަވާލުކޮށް ނިމޭނެކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެމް ޓީވީއާ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ 4000 ފްލެޓުގެ ވެރީންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް މިހާރު ވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އެންމެ ލަސްވެގެން ވެސް މި މަހުގެ 25ގެ ކުރީން ނިންމައިލެވޭނެ ކަމަށެވެ. އަދި ފްލެޓު ލިބުނު ގިނަ ފަރާތްތަކެއް މި ވަގުތު މާލެއިން ބޭރުގައި އުޅޭތީ ފްލެޓު ޙަވާލުކުރުން ތާވަލުކޮށްފައިވާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެ ޔުނިޓެއްގެ ވެރިފަރާތުގެ އީމެއިލުން ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާ އެކު އެފްޑީސީއަށް މެއިލްކޮށްލުމުން ޔުނިޓު ހަވާލުކުރުން އެހެން ދުވަހަކަށް ތާވަލްކޮށްދޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެ ފްލެޓުތަކަށް ނުވަދެވި ލަސްވަމުންދާތީ އާންމުންގެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ރައީސް ޑރ. މުޢިއްޒު، މައްޗަންގޯޅީގެ ރައްޔިތުންނާ ކުރެއްވި ބައްދަލުވުމުގައި، ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ކުރީން ފްލެޓުތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖު ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން މިހާރު ވަނީ 4000 ފްލެޓުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށްފައެވެ. އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އެމްޑަބްލިޔުއެސްސީއިން ބުނީ، އަމާން ދޯދި އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، ޓެސްޓުކުރުމާއި ކޮމިޝަންކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ވެސް ހަރުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައިވެއެވެ.