އައިޖީއެމްއެޗުން ހޯމް ނާސިން ކެއާގެ ހިދުމަތް ފަށަނީ
ހާއްސަ ފަރުވާ ދޭ މީހުންނަށް، ހޯމް ނާސިން ކެއާ ނުވަތަ ގޭގެއަށް ގޮސްގެން ފަރުވާ ދިނުމުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އައިމިނަތު ޒޭބާ ވިދާޅުވީ ހޯމް ނާސިން ކެއާގެ ހިދުމަތް ފެށުމަށް ބޭނުންވާ ނަރުހުންނަށް އެކަމުގެ ތަމްރީނުތައް ދިނުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
މި ހިދުމަތަކީ އާންމުންނަށް ހުޅުވާލައިގެން ދޭނެ ހިދުމަތެއް ނޫނެވެ. މި ހިދުމަތް ދޭނީ އައިޖީއެމްއެޗްގައި އެޑްމިޓްކުރުމަށް ފަހު ގެއަށް ދޫކޮށްލާ ފަރާތްތަކުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ޕޭޝަންޓުންނަށެވެ.
އެގޮތުން ބަލިމީހާ ގެއަށް ދޫކޮށްލުމުން، 2 ދުވަސްތެރޭގައި 3 ފަހަރު އެ ގެއަށް ޒިޔާރަތްކޮށް، އެމީހާގެ ހާލަތު ކަށަވަރު ކުރާނެ ކަމަށް ޒޭބާ ވިދާޅުވިއެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ބަލިމީހުންނަށް ޑޮކްޓަރުގެ މަޝްވަރާގެ ދަށުން ނަރުހުން އެ ފަރުވާ ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޒޭބާ ވިދާޅުވީ މި ހިދުމަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ އަންނަ ރޯދަ މަހު ނުވަތަ ރޯދަ މަސް ނިމުމުން ކަމަށެވެ.
މި ހިދުމަތާ އެކު ބަލިމީހުން، ހާއްސަ ގޮތެއްގައި އެނދުމަތިވެފައި ތިބޭ މީހުން ހޮސްޕިޓަލަށް ގެންދަންޖެހޭ ޖެހުމަށް ވަރަށް ބޮޑުތަނުން ލުއި ލިބޭނެއެވެ.

