ބައްސާމް އިތުރުން 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާއަށް އަމިން އެވެނިއުގެ 2 ޕެންޓްހައުސް ގަނެފައިވާ މައްސަލަ ސާބިތުވެފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ދައުވާކޮށްފިއެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވާކަމަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ކަނޑައަޅައިފައެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި، ހިޔާނާތުގެ ދައުވާއަށް ކަނޑައަޅާފައި ވަނީ 8 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑައިންގެ ދައުވާއަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު، 6 މަސް ދުވަހުން ދެއްކުމަށާއި މަނީ ލޯންޑާކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ބައްސާމްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
މި 2 ދައުވާއާ ގުޅިގެން ޖުމްލަ 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ބައްސާމް ތަންފީޒުކުރަން ޖެހޭނެއެވެ. މީގެ ކުރިން އިތުރު ދައުވާތަކެއް ސާބިތުވެ، އޭނާ މިހާރު ވެސް ދަނީ 9 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެހެންކަމުން ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ބައްސާމް ތަންފީޒު ކުރަން ޖެހޭނެއެވެ.

