ހުޅުދުއްފާރު ޤުރުއާން ކުލާހެއްގެ ބިއްލޫރިތައް ތަޅާލައިފި

ރ.ހުޅުދުއްފާރުގެ ނޫރުލް ޤުރުއާން ކްލާހުގެ ބޭރުގެ ބިއްލޫރިތައް ރޭގެ ވަގުތެއްގައި ތަޅާލައިފިއެވެ.
މިހާދިސާއާ ގުޅިގެން އެ ކްލާހުގައި ކިޔަވައިދޭ ، ކްލާހުގެ ވެރިފަރާތް ކަމުގައިވާ ޢަލި ނާޒިމް "ދެން"އަށް ވިދާޅުވީ ރޭ ދަންވަރު އެކްލާހުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި ބިއްލޫރިގަނޑު ތެޅުނު އަޑަށް އޭނާގެ ދަރިފުޅު ނުކުމެ ބަލާލިއިރު އެކަންކުރި މީހާ ފިލައިގެން ގޮސްފި ކަމަށެވެ. އަދި އެ ކްލާހުގައި ހަރުކޮށްފައި ހުރި ކެމެރާއިން ފެންނަ ގޮތުގައި އެކަމުގެ ހަރަކާތްތެރިވީ އެންމެ މީހެއް ކަމަށާއި ނަމަވެސް މޫނު ނިވާކޮށްގެން ހުރުމާއެކު އެއީ ކާކުކަން ދެނެ ނުގަނެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ހުޅުދުއްދާރު މިސްކިތުގެ އިމާމް ކަމުގެ ވަޒީފާ އަދާ ކުރާ ނާޒިމް ވިދާޅުވީ އެފަދަ ކަމެއް ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ތުހުމަތު ކުރެވޭ މީހެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑު މީހަކަށް ދޭންވެފައި އޮތް އެއްޗެއް ނޯންނާނެ، މީހުންނާ ޒުވާބުކޮށެއް ނޫޅެއް، ދެން ނޭނގެ މިފަދަ ކަމެއް ކުރަންވީ ސަބަބެއް" ނާޒިމް ވިދާޅުވިއެވެ.
ހުޅުދުއްފާރުގެ ކައުންސިލަރ އިބްރާހީމް ޝިފާޒް "ދެން"އަށް ވިދާޅުވީ ރޭ ދަންވަރު 2 ޖެހިކަންހާއިރު އެ ހާދިސާ ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ފުލުހުން އެރަށަށް އައިސް ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.
ހުޅުދުއްފާރުގައި ހިންގާ ތިން ގުރުއާން ކްލާހުގެ ތެރެއިން ނޫރުލް ޤުރުއާން ކްލާހުގައި 40 ކުދިން ތިބެއެވެ. ނާޒިމް ވިދާޅުވީ ކްލާހަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން މާދަމާ ކިޔެވުން ބޭއްވޭނެ ކަން އަދި ޔަގީން ނުވާ ކަމަށާއި އެކަމާމެދު ގޮތެއް ނިންމަވާ މިރޭ ބެލެނިވެރިންނަށް އަންގަވާނެ ކަމަށެވެ.