ސިއްހީ ބޭނުންތަކަށް ޗުއްޓީއަށް އެދި ސީދާ ސިވިލް ސާވިސްއަށް ހުށަހެޅޭގޮތަށް ހަމަޖައްސައިފި
ހާއްސަ ސިއްހީ ބޭނުންތަކަށް ޗުއްޓީއަށް އެދި ސީދާ ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)އަށް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަންއިން މިއަދު ބުނީ ސިވިލް ސާވިސް ގަވާއިދުގެ ދަށުން ލިބިދޭ "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް މުވައްޒަފުން އެދޭ ހާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެފަދަ ހާލަތުގައި މުވައްޒަފުން ޗުއްޓީއަށް އެދެން އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ސީއެސްސީއިން ބުންޏެވެ.
އެފަދަ ޗުއްޓީއަށް އެދި ހުށަހަޅާ އިރު، ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސްކުރިން ކަމާގުޅުން ހުރި ލިޔެކިޔުންތަކާ އެކު "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށް އެ ކޮމިޝަންއަށް ހުށަހެޅުމަށް ވެސް ސީއެސްސީން ބުންޏެވެ.
ބޮޑެތި އޮޕަރޭޝަންތަކާއި އާއިލާގެ މީހުންގެ ހާއްސަ ސިއްހީ ހާލަތްތަކާ ގުޅިގެން ދިގު ޗުއްޓީއަށް ސީއެސްސީގެ ބައެއް މުވައްޒަފުން އެދެއެވެ.

