ޚަބަރު

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދުންފަތުގެ އިސްތިއުމާލު މަނާ ސަރަހައްދެއްކަމް އަންގައިދޭ ބޯޑެއް/ފޮޓޯ: އަވަސް

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

Ads by STELCO

ކޮންމެ އަހަރަކު މޭ މަހުގެ 31 ވަނަ ދުވަސް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސްގެ ގޮތުގައި ފާހަގަކުރާ އިރު އެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ދަނީ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"ގެ ނަމުގައި އެވޯޑެއް ދެމުންނެވެ. މިއީ  ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑެކެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ހިމެނޭ  ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 16ވަނަ ދުވަހުގެ ކުރިން އެވޯޑަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ހާއްސަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް"ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައްކޮށްފައިވާ އަދި ކުރަމުން ގެންދާ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އިދާރާތަކުން އެ އިނާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

Ads by HDC