ޚަބަރު

ވަޒީފާ ދިނަސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ކަނޑާނުލާނެ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް--

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެހުނު ކަމުގައިވިޔަސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް ކަނޑާނުލާނެކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 ކުދިންނަށް ވަޒީފާގެ ފުރުސަތު އެކި އިދާރާތައް މެދުވެރިކޮށް ހަމަޖައްސައިދެއްވާފައި ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެއް ކަމަށާއި އަދި އެކަމަށް ހާއްސަ އަހައްމިޔަތުކަމެއް ދީގެން  އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާ އެކު ވެސް މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ މަސައްކަތް ފެށުމާ އެކު ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އުނިވެގެން ހިނގައިދާނެކަމުގެ ކަނބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް، އެ އެލަވަންސަކީ ގާނޫނުގެ ތެރެއިން ދޭ އެއްޗެއް ކަމަށާއި ގާނޫނޫގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ހުއްޓިގެން ނުދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ވަޒީފާގެ ފުރުޞަތު ލިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ މުސާރައަކީ އެހެން ފަރާތްތަކާއި އެއް ހަމައަށް މުސާރައެއް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަގެއް ނުގެންގުޅޭކަން ވެސް ފާހަގަކުރެއްވިއެވެ.