ޚަބަރު

ހިޔާލުފާޅުކުރާއިރު އިސްލާމްދީނަށް އިހުތިރާމްކުރަން ޖެހޭނެ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ހިޔާލު ފާޅުކުރާއިރު އިސްލާމްދީނަށް އިހުތިރާމްކުރަން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދަދު ނޫހުން ގެނެސްދިން ލިޔުމެއްގައި ހިމެނި ކާޓޫނެއްގައި އިސްލާމްދީނަށް ކުޑައިމީސްވާ ކަމަށް ބުނެ އެ ކާޓޫން ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން ވަނީ އަންގައިފައެވެ.

އެ މައްސަލަ ބޮޑުވެފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު އެކްސްގައި މިއަދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަގުސަދަކަށް ޓަކައި ހިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށާއި އަދި އެއީ މަތިވެރި ހައްގެއް ކަމަށެވެ.

ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ގާނޫނު އަސާސީގައި ހިޔާލުފާޅުކުރުމުގައި ދީފައިވާ މިނިވަންކަމުގެ ރޫޙަކީ ވެސް އެއީ. އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެ" މިނިސްޓަރު ވިދާޅުވިއެވެ.

އަދަދުގެ ކާޓޫން ނަގަން އެންގި މައްސަލައިގައި އެ ނޫހުން ވަނީ ކާޓޫން ދިފާއުކޮށްފައެވެ. އަދި އެ މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސަރުކާރަށް ފާޑުކިޔައި މީޑިއާ ކޮމިޝަން ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!