މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތެރޭގައި މަސްދަޅު ކޭސް ބަހަން ފެށޭނެ: އާދަމް ޝަރީފް
މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތެރޭގައި މަސްދަޅު ކޭސް ބަހަން ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1447ވަނަ އަހަރުގެ ރަމަޟާން މަހަށް، ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުން ހަމައެކަނި ރޭގެ ނިޔަލަށް 4805ގޭބިސީއަކުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ހުރިހާ ގޭބިސީއަކަށް ވެސް ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެޔަކު ވެސް 20:00އިން ފެށިގެން 23:00ހަމަޔަށެވެ. ޓޯކަން ނެގުމަށް ޕޯޓަލް ލިންކް މެދުވެރިކޮށް ޝެޑިއުލް ހަމަޖެއްސޭނެއެވެ.
މާލޭގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަންތަން:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ބޯޅަދަނޑު
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަންތަން:
ޢުމަރުޒާހިރު ބިލްޑިން
ޕޮލްކޯ ޓަވަރ
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަންތަން:
ކާމިލުދީދީ ސްކޫލް
ހިޔާޓަވަރު 10
އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަން:
ވެމްކޯސައިޓް
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ފާއިތުވި ރަމަޟާން މަހަށް ވެސް ވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ. މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 1،18773ގޭބީސީއަކަށެވެ. އެއީ މާލެ ސަރަހައްދުން 61،755ގޭބީސީއަކަށާއި އަތޮޅުތެރޭގެ 56،918ގޭބީސީއަކަށެވެ.



މަސްދަޅާބެހޭ ވަޒީރު