ޚަބަރު

ކާރިސާތަކާ ގުޅިގެން ފަސޭހައިން އެހީއަށް އެދެވޭގޮތަށް ޑިޖިޓަލް ޕްލެޓްފޯމެއް އިފްތިތާހުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކާރިސާތަކާ ގުޅިގެން ފަސޭހައިން އެހީއަށް އެދެވޭގޮތަށް ތަރައްގީކުރި ޑިޖިޓަލް ޕްލެޓްފޯމް، ޑާލާ އިފްތިތާހުކުރުން--

ރާއްޖޭގައި ކުރިމަތިވާ އެކިއެކި ކާރިސާތަކާއެކު ލިބޭ ގެއްލުންތަކާ ގުޅިގެން ފަސޭހަކަމާ އެކު އެހީއަށް އެދެވޭގޮތަށް ޑިޖިޓަލް ޕްލެޓްފޯމެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން މިއަދު އިފްތިތާހުކޮށްފިއެވެ.

Ads by STELCO

"ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ)ގެ ނަމުގައި ތަރައްގީކުރި އެ ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ.

އެންޑީއެމްއޭއިން ބުނީ އެ ޕްލެޓްފޯމްއާ އެކު އެންމެ ބޮޑު ފަސޭހަކަމެއް ލިބޭނީ، ކާރިސާތަކާ ގުޅިގެން އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން ފަސޭހަކަމާ އެކު ޕޯޓަލް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅޭނެ ކަމަށާއި އަދި އެހީގެ ކަންކަން ކުރިއަށްދާ ގޮތާއި ހުށަހަޅާފައިވާ މައުލޫމާތު ބަދަލުކުރުން ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް އެ ފަރާތްތަކަށް ލިބޭނެކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކާރިސާތަކަށް އިޖާބަދިނުމާއި އިއާދަކުރުމުގެ މަސައްކަތް މިހާރަށް ވުރެ އަވަސްވެ، ހަރުދަނާވެގެންދާނެކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ އެ ޕްލެޓްފޯމްއާ އެކު ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެގޮތުން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކާރިސާތަކުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓުކޮށް ލިބުނު ގެއްލުންތަކުގެ ހިސާބުތައް އޮޓޮމެޓިކުން ތައްޔާރުކޮށް ގެއްލުން ވަޒަންކުރުމުގެ ސައްހަކަން އިތުރުވެ އަވަސްވެގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިތުރުން، ކާރިސާގެ ބާވަތްތަކާއި ގެއްލުން ލިބުނުކަމަށް ރިޕޯޓުކުރެވުނު ދާއިރާއާއި ސަރަހައްދާއި އާބާދީގެ ގިންތިތަކާއި މުދަލުގެ ބާވަތްތަކަށް ބަލައި ވަކިވަކިން މައުލޫމާތު އެއްކުރުމުގެ ގާބިލުކަން އެ ޕްލެޓްފޯމަށް ލިބިގެންވާކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ. އެއާ އެކު ކާރިސާތަކުގެ އަސަރުތައް ފުންކޮށް ދެނެގަނެވި، އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމަށާއި، ރޭވުންތެރިކަން އިތުރުކުރުމާއި، އަދި ހަމަހަމަކަމާ އެކު އިއާދަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ ޕްލެޓްފޯމްއަކީ ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކާއި ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދިޔަ މަޝްރޫއުއެއްގެ ދަށުން ތަރައްގީކުރި ޕްލެޓްފޯމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!