އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޒާހިރު ހުސެއިން އިސްތިއުފާ ދެއްވައިފި
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. ޒާހިރު ހުސެއިން އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިރު އިސްތިއުފާ ދެއްވިކަން މިއަދު ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ސަބަބެއް ހާމަައެއް ނުކުރެއެވެ. އިސްތިއުފާ ދެއްވުމަށް ފަހު ޒާހިރު މިއަދު ވަނީ ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޒާހިރު ކޮށްދެއްވި ހިދުމަތަށް ތައުރީފްކުރައްވައިފައެވެ. އެގޮތުން ޒާހިރުއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާ އެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ސަރުކާރުން ކުރިން ކުރިއަށް ގެންދިޔަ އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީ ވެސް، ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ޒާހިރު ހުސެއިން ވަނީ 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައި އަދި ތައުލީމީ ދާއިރާގައި 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައެވެ.
ސަރުކާރުން ޒާހިރުއަށް ވަނީ ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް 2008 ވަނަ އަހަރު ވަނީ އަރުވައިފައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މިދިޔަ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އޭނާއަށް އެރުވިއެވެ.

