ޚަބަރު

ދިފާއީ ބާރުގެ ގާބިލިއްޔަތު އިތުރުކުރަން އާ ވަސީލަތްތައް ގާއިމްކޮށްދޭނަން: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނީ --

ގައުމީ ދިފާއީ ބާރު ވަރުގަދަކޮށް، ގާބިލްކަން އިތުރުކުރުމަށް މި އަހަރު ވެސް ގިނަ ވަސީލަތްތަކެއް ގާއިމްކޮށް، ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ދިފާއީ ބާރު ވަރުގަދަކުރުމަށް ކުރަމުންދާ ގިނަ ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އޭގެ އެއް މަސައްކަތެއްގެ ގޮތުން ފާހަގަކުރެއްވީ އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން މިދިޔަ އަހަރު އައްޑޫ ސިޓީގައި ގާއިމްކޮށްފައިވުމެވެ. އަދި އުތުރުގައި ގާއިމްކުރާ މި ފަދަ ދެވަނަ ސްޓޭޝަން ށ. ފުނަދޫގައި އަޅަމުންދާއިރު، މި އަހަރު އެތަން އޮޕަރޭޝަނަށް ގެނެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑުގެ ހިދުމަތް ދެގުނަ ކުރުމަށް ތުރުކީވިލާތުގެ ހިލޭ އެހީގެ ދަށުން ސިފައިންގެ ހިދުމަތަށް މިހާތަނަށް ތައާރަފްކުރި އެންމެ ބޮޑު އުޅަނދު މި ދިޔަ އަހަރު ތައާރަފްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސިފައިން ހިންގާ މެރިޓައިމް އޮޕަރޭޝަންތަކާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓް ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށާއި، އޭގެތެރެއިން 3 އުޅަނދެއް މިހާރު ހިދުމަތަށް ނެރެފައިވާ ކަމަށެވެ. އަދި މި އަހަރު އެފަދަ 17 އުޅަނދު ހިދުމަތަށް ނެރޭނެ ކަމަށެވެ.

އޭގެ އިތުރުން ވެސް ޖަޕާން ސަރުކާރުގެ އެހީގައި 2 ހާބަ ކްރާފްޓް ޕެޓްރޯލް ވެސެލް ހޯދަން ނިންމާފައިވާ ކަމަށާއި، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު މިއަހަރު ހިދުމަތަށް ނެރޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި، މިދިޔަ އަހަރު އެމްއެންޑީއެފްގެ މެރިންކޯއަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯދާފައިވާ ކަމަށާއި، މި އަހަރު ވެސް އެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ގިނަ ވަސީލަތްތަކެއް ހޯދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އިތުރަށް އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސިފައިންގެ ތަމްރީނާއި ގާބިލްކަން އިތުރުކުރުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ސިފައިންގެ ތަމްރީނަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!