ދަތުރުވެރިންނަށް ޚާއްޞަ މިސްކިތެއް ކެނދިކުޅުދޫގައި ހުޅުވައިފި
ނ. ކެނދިކުޅުދުއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ޚާއްޞަ މިސްކިތެއް، އެ ރަށުގެ ބަނދަރު ސަރަޙައްދުގައި ހުޅުވައިފިއެވެ.
މި މިސްކިތަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ މަންމާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ ނަމަކީ، މަސްޖިދު ޝަމީމާ ޢަބުދުﷲއެވެ. މި މިސްކިތް ހުޅުވައިދެއްވީ މެންބަރު ސިޔާމްއާއި ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފެވެ.
މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު، އެ މިސްކިތުގައި އިމާމުވެ ނަމާދުކުރެއްވީ ސިޔާމެވެ. އަދި އެއަށް ފަހު ކެނދިކުޅުދޫ ބަނދަރުގައި ތައްޔާރުކޮށްފައިވާ ރޯދަ ވީއްލުމެއްގައި ވެސް އެމަނިކުފާނާއި އެ ސަރަހައްދަށް ޒިޔާރަތްކުރި އެންމެހައި ފަރާތްތައް ބައިވެރިވެވަޑައިގަތެވެ.
މެންބަރު ސިޔާމް ވަނީ އެ މަނިކުފާނުގެ އުފަން ރަށުގައި، އެ މަނިކުފާނުގެ ބައްޕާފުޅުގެ ހަނދާނުގައި ވެސް މިސްކިތެއް ބިނާކުރައްވާފައެވެ. އެ މިސްކިތަށް ނަން ދެއްވާފައި ވެސް ވަނީ ބައްޕާފުޅުގެ ނަމުންނެވެ. އެ މިސްކިތުގެ ނަމަކީ "މަސްޖިދުލް މުޙައްމަދު ޤާސިމް"އެވެ.