ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުގެ މަގާމަށް ރިފްއަތު އައްޔަންކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް އައްޔަންކުރި ރިފްއަތުއަށް މަގާމުގެ ލިޔުން ހަވާލުކުރުން---

ރައީސް ޑރ.މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ ރިފްއަތު ޢަބްދުﷲ މިއަދު އައްޔަންކުރައްވައިފިއެވެ.

Ads by STELCO

މިއަދު، ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއި ވެސް ކުރައްވައިފައެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ވެސް ރިފްޢަތުއާ ޙަވާލުކޮށްދެއްވާފައެވެ.

އީސީގެ މެމްބަރުގެ މަގާމަށް ރިފްއަތު އައްޔަންކުރީ ކުރިން މެމްބަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިދުގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރިފްއަތުގެ ނަން ރައީސް މަޖިލީހަށް ހުށަހެޅުއްވުމުންނެވެ. މަޖިލީހުން ރިފްއަތަށް ރުހުން ދިނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މަޖިލީހުގެ މެމްބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ރިފްއަތު ހުންނެވީ ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.