ޚަބަރު

ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރު ވެސް ދެ އިންތިހާބު އެއްކޮށްލަން ބަހުސްކުރި: ނާޒިމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ނާޒިމް ޖަލްސާގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރު ވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ބަހުސްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by PNC

ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ބިލު ފާސްކުރި ފަހުން އެ ބިލު ތަސްދީގު ވެސް ކޮށްފައިވާ އިރު ދެން އޮތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ވޯޓު ނަގާނީ އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކުއެވެ.

ނަމަވެސް އެ ވޯޓާ ދެކޮޅަަށް އިދިކޮޅު އެމްޑީޕީން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި މިއީ ހަމަ ހުރެލާފައި ބަދަލުކޮށްލެވިގެންވާނެކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ދަނީ ބުނަމުންނެވެ.

ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކުރިން ވެސް ބަހުސްކޮށްފައިވާ ކަމަށެވެ.

ނާޒިމް އެ އިޝާރާތްކުރެއްވީ ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރަށެވެ.

ދެ އިންތިހާބު އެއްކޮށްލަން ބަހުސްކުރިކަން ރައްޔިތުންގެ މަޖިލީހަށް އެ ދުވަަސްވަރު ހުށަހެޅި ތިން ހުށަހެޅުމަކުން ވެސް އެކަން އެނގޭ ކަމަށާއި އަދި މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އެކަމާ ގުޅޭގޮތުން ހާއްސަމަޖިލީހަށް ހުށަހެޅުނު އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހެކެވެ" ނާޒިމް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!