އެމްބީބީއެސް ނިންމާ ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތު ހޯދައިދެނީ
އެމްބީބީއެސް ނުވަތަ ޑޮކްޓަރުކަން ނިންމާ ދަރިވަރުންނަށް ރާއްޖޭގެ އިތުރު ހޮސްޕިޓަލުތަކުން އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނުލިބުން ކަމަށެވެ.
އަދި ރާއްޖޭގައި ޑޮކްޓަރުން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެމްބީބީއެސް ހަދާ ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތު އިތުރަށް ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުރިން ހަމައެކަނި އައިޖީއެމްއެޗް އަދި ދަރުމަވަންތައިގައި އިންޓާންޝިޕް ހެދެމުން ދިޔަ ދިޔުން ފުޅާކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގްރާމް ފެށިއްޖެ. އަދި އައްޑޫ ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގްރާމް ފެށިއްޖެ. ދެން އަދިވެސް ބޮޑެތި ހޮސްޕިޓަލުތަކުގައި ވެސް ފެށިދާނެތޯ ނުވަތަ ނޫންތޯ ބަލަމުން ގެންދަނީ. މިސާލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ އިންޓާންޝިޕް ޕްރޮގްރާމެއް ފެށޭނީ ވެސް ވަކި ވަރަކަށް ބަލި މީހުން ބަލާ ހޮސްޕިޓަލެއްގައި ކަމަށެވެ.
"އެ މީހުން ދަސްކުރުމަށް ޓަކައި ނުވަތަ ޕްރެކްޓިސް ކުރުމަށް ޓަކައި ބަލިބައްޔަށް ފަރުވާ ދޭ މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އެބަ ލިބެން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.