ޚަބަރު

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by Allied

އިލެކްޝަންސްއިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން  ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންތިޚާބާބެހޭ މަރުކަޒުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރުފަހު 03:00އަދި ރޭގަނޑު 09:30އިން 12:00އަށް ކަމަށެވެ.

ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ކުރިން ލިސްޓުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވެސް ވަނީ ސޮއިކޮށްފައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ރަޖިސްޓަރީގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ސަމާލުކަން ދޭންވާނެކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުންޏެވެ.