ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަނީ ހަރަދުތައް ކުޑަކޮށް: ގައިސް
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ހަރަދު ކުޑަކޮށް ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.
"ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ގައިސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ ހަރަދުތައް ކުޑަކޮށް އަދި ލިބޭ އާމްދަނީ އިތުރުވާނެ ގޮތަށް ކަމަށެވެ.
މިކަން ފާހަގަކޮށް ގައިސް ވިދާޅުވީ 2016 ވަނަ އަހަރު ވެސް އެއަރޕޯޓު ތަރައްގީ ކޮށްފައިވަނީ ބޮޑު ލޯނަކާއެކުގައި ކަމަށާއި ލޯނު ނަގައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގައި އާމްދަނީ އިތުރުވާނެހެން މަސައްކަތް ކުރުމަށް ވިސްނާ ކަމަށެވެ.
އެއަރޕޯޓު ޑިވަލޮޕް ޕްރޮޖެކްޓަކަށް ގާތްގަނޑަކަށް ލަފާކޮށްފައި ވަނީ 17 މިލިއަން ޑޮލަރު ކަމަށް ގައިސް ވިދާޅުވިއެވެ.
ތަރައްގީގެ ޕްލޭންގައި ކަންކަމާ ގުޅޭ ގޮތުން ގައިސް ވިދާޅުވީ މިހާރު ބޭނުން ކުރާ ޓަރމިނަލް ހަމައެކަނި އިންޓަނޭޝަނަލް ޕަސެންޖަރސްއަށް ޚާއްސަ ކުރުމަށްފަހު އިތުރު ޑޮމެސްޓިކް ޓަރމިނަލްއެއް އެޅުމަށް ޕްލޭންގައި ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އައު ޓަވަރެއް ގާއިމް ކޮށް، ފަޔާ ސްޓޭޝަން ވެސް އައު އިމާރާތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ގައިސް ވިދާޅުވިއެވެ.
ގައިސް އިތުރަށް ވިދާޅުވީ އުންމީދަކީ މިއަންނަ އަހަރުގެ މެދެއްހާ ހިސާބުން ޑިވެލޮޕްމެންޓް ޕްލޭން ނިންމާލެވުން ކަމަށެވެ.
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ކުންފުނިން އެއާޕޯޓު ތަރައްގީ ކުރުމަށް ހަވާލުވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.