ޚަބަރު

އަޖުމަބެލުމުގެ ގޮތުން ރާއްޖޭގައި ސޯލާ ފެރީގެ ދަތުރުތައް ވަރަށް އަވަހަށް ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ތެލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤުޞަދުގައި، އިރުގެ އަލިން ހަކަތަ އުފައްދައިގެން ދުއްވާ "ސޯލާ ފެރީ" ރާއްޖެ ގެނެސް، މާލަސްތަކެއް ނުވެ އޭގެ ޓެސްޓު ދަތުރުތައް ފަށާނެކަމަށް ތިމާވެއްޓާއި ހަކަތަޔާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Allied

ލ. އަތޮޅުގައި އަލަށް ފެށި އާރްޓީއެލް ފެރީގެ ޚިދުމަތް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ، މުޅި ރާއްޖެ ހައިސްޕީޑް ފެރީ ވިއުގައަކުން ގުޅައިލުމުގެ ބޮޑު މަޝްރޫޢު ކުރިއަށްދާއިރު، އެ އުޅަނދުތަކަށް ބޭނުންވާ ތެލަށް ދައުލަތުން އިންތިހާއަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ތެޔޮ އަންދާ މިންވަރު މަދުކޮށް، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަށް އުޅަނދުތައް ބަދަލުކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން، ލަސްތަކެއް ނުވެ އިރުގެ ހަކަތައިން ދުއްވާ ފެރީއެއް ގެނެސް، އޭގެ ކާމިޔާބު މިންވަރު ވަޒަންކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަޖުރިބާގެ ދަތުރުތަކެއް ކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ އަމާޒަކީ މުސްތަޤުބަލުގައި ކައިރި ރަށްތަކުގެ މެދުގައި ދަތުރުކުރުމަށް ޚާއްޞަކޮށްގެން ސޯލާ ފެރީގެ ފުރިހަމަ ނިޒާމެއް ވުޖޫދަށް ގެނައުން ކަމުގައި ވެސް ހާމަކުރެއްވިއެވެ. އަދި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކުންނާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވެސް މިފަދަ ހަކަތަ ރައްކާތެރި އުޅަނދުތައް ފަރުމާކުރުމަށް އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޠާރިޤް ވިދާޅުވިއެވެ.

މި ޒަމާނީ އުޅަނދަށް ބޭނުންވާ ހަކަތަ އުފައްދައިދެނީ ފުރާޅުގައި ހަރުކޮށްފައި ހުންނަ 25 ކިލޯވޮޓްގެ 75 ސޯލާ ޕެނަލްގެ ޒަރީއާއިންނެވެ. އޭގެއިން އުފައްދާ ކަރަންޓު ރައްކާކުރުމަށް 50 ކިލޯވޮޓްގެ ދެ ބެޓެރީ ޕެކް ހިމެނޭއިރު، އުޅަނދު ދުއްވުމަށް ބޭނުންކުރާނީ 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރެވެ. މީގެ އިތުރުން، އުޅަނދުގައި ޤާއިމުކޮށްފައިވާ އިލެކްޓްރިކް ސްޓިއަރިންގ ނިޒާމުގެ ސަބަބުން، އާންމު އިންޖީނުތަކާ ޚިލާފަށް މަރާމާތުކޮށް ބެލެހެއްޓުމަށް ދާ ޚަރަދު އިންތިހާއަށް ކުޑަވެގެންދާނެކަމަށް އުފައްދާ ކުންފުނިން މަޢުލޫމާތުދެއެވެ.

Ads by Allied Insurance