ޚަބަރު

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ: ކިޔެވުމަށް ބުރޫނާރާނެކަމުގެ ޔަގީންކަން ދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އިމާރާތުގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވީ ނަމަވެސް، ދަރިވަރުންގެ ތައުލީމީ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ދެއްވައިފިއެވެ.

Ads by PNC

ވަޒީރު ވިދާޅުވި ގޮތުގައި، ސްކޫލުގެ ކަންކަން އާންމު ހާލަތަކަށް ގެނައުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ހަފުތާގެ ކްލާސްތައް ފެށުމުގެ ކުރިން މުދައްރިސުންނަށް ބޭނުންވާނެ މޭޒާއި ގޮނޑީގެ އިތުރުން ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޕްރިންޓްކުރުމަށް ބޭނުންވާ މެޝިނަރީޒް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރޭ މެންދަމުން އަލިގެން 12:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ރޭގަނޑު 2:00 ޖެހިފަހުންނެވެ. މި ހާދިސާގައި އެ މަދަރުސާގެ ޕްރައިމަރީ މުދައްރިސުން ބޭނުންކުރާ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމެއްގެ އިތުރުން ކްލާސްރޫމެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. ވަޒީރު ޑރ. ޝަފީއު ވަނީ، މުޅި އެ ބްލޮކް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމަކީ ތައުލީމީ ދާއިރާއަށް އަދި އެ ސްކޫލަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމުގައި ސިފަކުރައްވާފައެވެ.

Ads by Allied Insurance