ބޮޑު އިންތިހާބުގެ ވޯޓުލުން ފަށައިފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުލުން ފަށައިފިއެވެ.
ފެންނަ ނުފެންނަ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ.
މުޅި ރާއްޖޭގައި މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާއިރު، ވޯޓު ފޮށިތައް ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. ނަމަވެސް ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުނީ ތަންކޮޅެއް ލަހުންނެވެ.
ކޮންމެ މީހަކަށްވެސް 3 ވޯޓު ކަރުދާސް ދޭނެއެވެ. 3 ވޯޓު ކަރުދާސް ލާން ޖެހޭނީ ވަކިވަކި 3 ފޮއްޓަށެވެ. އޭގެތެރެއިން ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ، އެ އިހުތިޔާރު ލިބޭނެއެވެ.
މި އިންތިހާބުގައި 299.876 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.
ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގައި 225 ދާއިރާއަކަށް ޖުމްލަ 1356 ކެނޑިޑޭޓުން ވާދަކުރެއެވެ. އަދި އިންތިހާބުގައި އަތޮޅުތެރެއާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން މާލެ ސަރަހައްދު ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ.