އަލިފާނުގެ ހާދިސާއަށްފަހު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ފެށުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފި
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދީފިއެވެ.
ތައުލީމީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ވައިގެ މަގުން މިހާރު ވަނީ 10 ކޮމްޕިއުޓަރު ސިސްޓަމަކާއި، 3 ޕްރިންޓަރުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކުގެ 15 ފޮށިގަނޑު އެ ރަށަށް ފޮނުވާފައެވެ. މީގެ އިތުރުން، ހާދިސާ ހިނގިތާ ސައުވީސް ގަޑިއިރު ނުވަނީސް ތަޢުލީމީ ވުޒާރާގެ ޚާއްޞަ ވަފުދެއް އެ ރަށަށް ގޮސް، ސްކޫލަށް ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް، އަލުން ކިޔަވައިދޭން ފެށުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
މި ހާދިސާގައި ސްކޫލުގެ މުހިންމު ބައިތަކެއް ވަނީ އަނދާ ހުލިވެފައެވެ. އޭގެ ތެރޭގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ މުދައްރިސުންގެ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމެއްގެ އިތުރުން ކިލާސްރޫމެއް ހިމެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފައި ވަނީ ސްޓާފްރޫމުގައި ހަރުކޮށްފައި ހުރި އޭސީއެއްގައި ރޯވުމެވެ. މި އަލިފާނުގެ ސަބަބުން އެއްވެސް ފަރާތެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ސްކޫލުގެ އާންމު ހާލަތު ތަޢުލީމީ ވުޒާރާއިން ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.