ޚަބަރު

އެމްޑީޕީގެ ކިއްލާ ހިންނަވަރުން އަނެއްކާވެސް ތަފާތު ދައްކައިފި: އައްފާން ކައުންސިލްގެ ރައީސްކަމަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޅ. އަތޮޅު ހިންނަވަރަކީ އަދިވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަރުގަދަ ބާރެއް އޮތް ރަށެއްކަން މިފަހަރުގެ އިންތިޚާބުގެ ނަތީޖާއިން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ.

Ads by Allied

ހިންނަވަރު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު އައްފާނެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ 1,226 ވޯޓާ އެކު ޖުމްލަ ވޯޓުގެ %49.7 ހޯއްދަވައިގެންނެވެ. މިއީ އެ ރަށުގައި އެމްޑީޕީއަށް އޮތް ތާއީދު ދެމިއޮތްކަމުގެ ހެއްކެކެވެ.

‎ކައުންސިލްގެ އެހެން ގޮނޑިތަކަށް ބަލާއިރު، މުޙައްމަދު ނަޒީހް (1,270 ވޯޓު) އަދި ޢަބްދުﷲ ޝާފިއު (1,132 ވޯޓު) ވަނީ އެމްޑީޕީގެ ޓިކެޓުގައި ގޮނޑިތައް ދިފާއު ކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގިނަ ގޮނޑިތަކެއް ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް މި ރަށުން ކާމިޔާބު ކުރެވުނީ އަންހެނުންގެ ކޮމިޓީގެ އެންމެ ގޮނޑިއެކެވެ. މުޅި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ހިންނަވަރުން އެމްޑީޕީއަށް ވަނީ ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލެއް ފެނިގެންދިޔަ އިންތިޚާބެކެވެ. ޚާއްސަކޮށް، ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑެތި ރަށްރަށުގެ ނަތީޖާ އިން ފެނިގެންދިޔައީ ސިޔާސީ މައި ދެ ޕާޓީގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ހަމަހަމަވެފައިވާ ތަނެވެ.

Ads by Allied Insurance