ލައިފްސްޓައިލް

އައިނު އަޅަން ޖެހުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުންނަކީ އުފެދުމުގައި ލޯ ނުސާފު ބައެކެވެ. އަދި އަނެއް ބައި މީހުނަކީ ވަކި އުމުރަކަށް ދިޔުމުން އައިނު އެޅުމަށް މަޖުބޫރު ބައެކެވެ. އެއްވެސް ޙާލެއްގައި ނަމްބަރު އައިނަކީ ރީތިވާން އަޅާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ރީތިވާން ވެގެން އައިނު އަޅާ މީހުން މިހާރު މަދެއް ނޫނެވެ.

ބައެއް މީހުން އައިނު އެޅުމަށް ކިތަންމެ ލަދުގަންނަ ކަމުގައި ވީނަމަވެސް އަސްލު ހަގީގަތުގައި މީއީ އެއްވެސް މީހަކު ލަދުގަންނަން ޖެހޭ ސަބަބެއް ނޫނެވެ. އައިނު އަޅަނީ ދުރު ނުވަތަ ކައިރި ފެންނަލެއް ނުސާފު ވުމުންނެވެ. އެކަމުގެ ސަބަބުން ލޮލަށް ވާ އުނދަގުލުން ސަލާމަތް ވުމަށެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި އައިނު އެޅުމަކީ މީހާ އެހެންމީހުންގެ ކުރިމަތީގައި ދަށްކޮށްލާ ކަމެކެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން މީހާ ދެރަ ކުރަންވީ ސަބަބެއް ނިކަން ބުނެދީ ބަލާށެވެ. އެެއްވެސް ސަބަބެއް ނެތެވެ. އެފަދަ މީހުން އައިނު އަޅަން ނުޖެހުމަކީ އެމީހުން އެހެން މީހުންނަށް މަލާމާތް ކުރުމުގެ ބަދަލުގައި އެކަމާ އުފާ ކުރަންވީ ސަބަބެކެވެ.

އައިނު ހެއްދުމަށް ދާ ޚަރަދާއި އެކަމަށް އެފަދަ މީހުން ކުރާ މިންނަތް މަސައްކަތް އެނގޭނަމަ އެއްވެސް މީހަކު އެކަމާ މަލާމާތެއް ނުކުރާނެއެވެ. އެކަމަކީ އެހާ ވޭންހުރި ކަމެކެވެ. ދާކޮންމެ ތާކަށް ވެސް ދާން ޖެހެނީ އައިނު ހިފައިގެންނެވެ. ތިމާގެ ހަށިގަނޑުގެ ގުނަވަނެއް ފަދައިންނެވެ.

ވީއިރު މިކަމަކީ އެއްވެސް ހާލެއްގައި އެއްވެސް މީހަކު ދެރަވެ ލަދުގަންނަންވީ ކަމެއްވެސް ނޫނެވެ. އަދި އެކަމާ އެހެންމީހުން ހީ މަލާމާތް ކުރަންވީ ކަމެއް ވެސް ނޫނެވެ. އެހެންކަމުން އައިނު އެޅުމަށް އެއްވެސް މީހަކު ލަދުގަންނާކަށް ނުޖެހެއެވެ. އެއީ ބައްޔެކެވެ. ލޮލުގެ ފަރުވާއަށް ބޭނުން ކުރާ ޚާއްސަ ވަސީލަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!